އެންމެ ތާޒާ

ޑައިވް މާސްޓަރަކަށް ވާން ރޭވި ދަތުރު ފުރިހަމަ ނުވެ، މަރުގެ ދަތުރަކަށް!

ސ. ހިތަދޫން އަހުމަދު އަދްޝަން
ހަވީރު ނިއުސް ސާވިސް، 11 އެޕްރީލް 2015 12:2516 ކޮމެންޓު
  • ރޭ އެކްސިޑެންޓްގައި މަރުވި މަންޑޭ ޑައިވް ކުރަނީ: އޭނާ ބޭނުންވީ ޑައިވް މާސްޓަރަކަށް ވާން.---ފޮޓޯ: ފޭސްބުކް
ކުރިމަގު ބައްޓަން ކުރަން ޕްލޭންތަކެއް ކޮށްގެން ހުރި ޒުވާނެއްގެ ފުރާނަ އަނެއްކާވެސް ގެއްލުނީ އެވެ. މިއީ އައްޑޫގެ ހާލަތެވެ. އެކްސިޑެންޓްވެގެން އެތައް މަރެކެވެ. މި ލިސްޓަށް އަނެއްކާވެސް އިތުރު ޒުވާނެކެވެ.

ރޭ ދަންވަރު ފޭދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވި ހިތަދޫ ޗަރުކޭސީގޭ މަމްދޫން އަހުމަދު އަލިދީދީ (މަންޑޭ)، 22، ރަށަށް އައީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

ރޭ އެކްސިޑެންޓްގައި މަރުވި މަންޑޭ: ރޭ ހިނގި އެކްސިޑެންޓްގައި އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. ފޮޓޯ/ ފޭސްބުކް
އޭނާ އުޅުނީ ޅ. ވައްވާރުގައި ޕްރޮފެސަރު ހަސަން އުގައިލް ހިންގަވާ ސައިންޓިފިކް ރިސާޗް ލެބުން ހިލޭ ލިބުނު ފުރުސަތެއްގައި ތިމާވެއްޓާ ބެހޭ ކޯހެއް ފުރިހަމަ ކުރާށެވެ.

އެތަނުގައި އުޅެފައި ރަަށަށް އަައީ އާއިލާގެ މީހުންނާއި ރައްޓެހިންނާ ބައްދަލުކޮށްލުމުގެ ބޭނުމުގަ އެވެ. ޑައިވް މާސްޓާ ކޯހެއް ހަދަން އަންނަ މަހުގެ 25 ވަނަ ދުވަހު އިންޑޮނީޝިއާ އަށް ދިއުމުގެ ހުރިހާ ކަމެއް އޮތީ ހަމަޖެހިފަ އެވެ.

މަންޑޭގެ ބައްޕަ އަހުމަދު އަލިދީދީ (އަހަންމައިދީ) މިއަދު "ހަވީރަ" ށް ބުނި ގޮތުގައި އޭނާ ބޭރަށް ދިޔައީ "ވަރަށް އަވަހަށް އަންނާނަމޭ" ބުނެފަ އެވެ.

އޭގެ ފަހުން މާ ގިނަ އިރުތަކެއް ނުވެ ލިބުނީ، ފަސް ފިރިހެން ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި ދަރިފުޅުގެ އެކްސިޑެންޓްގެ ހިތާމަވެރި ހަބަރެވެ. އާއިލާގެ ހިތް ކުދިކުދިވީ އެވެ.

މަންޑޭ އޭނާގެ ރައްޓެހިންތަކަކާ އެކު: އޭނާ ރަށަށް ދިޔައީ މީގެ ހަތަރު ދުވަސް ކުރިން. ފޮޓޯ/ ފޭސްބުކް
ރޭ ދަންވަރު 1:30 އެހާކަށްހާ އިރު ފޭދޫ ބޮޑު މަގުން ކާރެއްގެ ކުރިއަށް އަރަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ ފާރެއްގަ އެވެ. މަންޑޭ އިނީ ސައިކަލްގެ ފަހަތުގަ އެވެ. އޭނާ ވިއްސައިގެން ގޮސް ފާރުގައި ޖެހި ބޮލަށް ލިބުނީ އިތުރު ފަރުވާއެއް ދެވޭ ވަރަށް ވުރެ ބޮޑު ގެއްލުމެކެވެ.

ސައިކަލް ދުއްވަން އިނީ މަންޑޭގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ވާ ހިތަދޫ ފަސްމާ އަހުމަދު ސައްމާހް، 20، އެވެ. އޭނާއަކީ މަންޑޭއާ އެއްކޮށް ކިޔަވަން އުޅުނު ޒުވާނެކެވެ.

"ޑޮކްޓަރު ވިދާޅުވި ބޮލަށް ވަރަށް ބޮޑަށޭ ގެއްލުންވެފައި އޮތީ. އެހެންވެ ފުރުސަތު ވަރަށް ކުޑައޭ ސަލާމަތްވާނެ ކަމުގެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ހަމައެކަނި ވިންދު ހުރިކަން،" އަހަންމައިދީ ބުންޏެވެ.

"ދެން ފަރުވާ ދެމުން ދަނިކޮށް، ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ދަރިފުޅު މަރުވިކަން ހޮސްޕިޓަލުން ކަށަވަރުކޮށް ދިނީ."

އޭނާ ބުނީ ރައްޓެހި ކުއްޖަކާ އެކު މަންޑޭ ދަތުރުކުރީ ގަމަށް ދިއުމަށް ކަމަށެވެ.

މަންޑޭ އާއި ސައްމާހު ދުއްވި ސައިކަލް: އެކްސިޑެންޓްވީ ކާރެއް އޯވަޓޭކް ކުރަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ގޮސް ފާރެއްހައި ޖެހިގެން. ފޮޓޯ/ ކިއުންތެރިއެއް
"އަޅުގަނޑު ގެ ކައިރީ ބޭރުގައި ހުއްޓައި އައިސް ބުނަނީ ބައްޕައޭ ދީބަލާށޭ 100ރ. ދެން ކީއްކުރަން ހޯދާ ފައިސާއެއްހޭ އެހީމަ ބުނަނީ އެއީ ރައްޓެހިންތަކަކާ އެކު ކޮފީއެއް ބޯލާށޭ. މީގެ ފަހުން ދެން ދުވަހަކު ވެސް ބައްޕަ އާއި މަންމަގެ އަތުން ފައިސާއެއް ނުހޯދާނަމޭ،" މާލޭގައި ދިރިއުޅުމަށް ފަހު މީގެ އަށެއްގެ އަހަރު ކުރިން އާއިލާ ގޮވައިގެން ރަށަށް ބަދަލުވި އަހަންމައިދީ ބުންޏެވެ.

"ދެން އަޅުގަނޑު ލާރި ދިނީމަ ވަރަށް އަވަހަށް އަންނާނަމޭ ކިޔާފައި ސައިކަލުގައި ދިޔައީ."

އޭނާ ބުނި ގޮތުގައި މަމްދޫނަކީ ވެސް ބާރަށް ސައިކަލް ދުއްވާ އުޅުނު ޒުވާނެކެވެ.

"އަޅުގަނޑުމެން އަބަދުވެސް ނަސޭހަތްތެރިވަން ބާރަށް ނުދުއްވުމަށް. އެކަމަކު މީގެ ކުރިއަކުން އޭނާ އެކްސިޑެންޓްވެފައެއް ނެތް،" އަހަންމައިދީ ބުންޏެެވެ.

"ރޭގެ ހާދިސާ ވެސް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވައިގެން ކަމަށް މައުލޫމާތު ލިބިފައި ވަނީ."

މަންޑޭ: އޭނާ އަކީ އާއިލާގައި ތިބި ފަސް ފިރިހެން ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި ކުއްޖާ. ފޮޓޯ/ ފޭސްބުކް
ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މަމްދޫންމެން ދުއްވި ސައިކަލް އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ގޮސް، ކާރެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

"އެ ދިޔަ ގޮތަށް ކޮންޓްރޯލް ނުވެ ގޮސް ފާރުގައި ޖެހުނީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން."

އިތުރު ފަރުވާ އަށް ސައްމާހު މިއަދު ހެނދުނު ވަނީ މާލެ ފުރުވާލައިފަ އެވެ. އޭނާ އަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

މީގެ ހަފުތާއެއް ކުރިން ހިތަދޫ ލިންކް ރޯޑުގައި 16 އަހަރުގެ ކުއްޖަކު ވަނީ ސައިކަލް އެކްސިޑެންޓެއްގައި މަރުވެފަ އެވެ. އެ އެކްސިޑެންޓް ހިނގީ އެ ކުއްޖާ ބާރަށް ދުއްވި ސައިކަލް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

ގުޅޭ ލިޔުންތައް

No comments:

Post a Comment